ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިއަދު ފަށާއިރު، 23 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ 23 ބިލެއް މިހާރުވާނީ މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.
އެގޮތުން ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑިޝަލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތައް އިސްލާޙު ގެނައުމުގެ ބިލު ހިމެނޭ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިއްލާޙު ގެނައުމުގެ ބިލާއި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެއެވެ. އަދި ގޭންގު ކުއްތައް މަނާ ކުރުމާބެހޭ ގާނޫނަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުުގެ ބިލު ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެއެވެ.
ހަމަމިއާއެކު ލޯކަލް ކައުންސިލްތަކުގެ އިންހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހައްޖާއި އުމްރާގެ ބިލާއި ދިވެހި ރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިސް ރަށްވެހިންގެ ބިލާއި ފޮރިން އިންވެސްޓްމެންޓްގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ވެސް ވަނީ ފޮނުވާފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ބިލާއި ދިވެހި ރާއްޖޭގެ ޖަލު ތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މިއަދު ހެނދުނު 9 ޖެހިއިރު، ފެށިނަމަވެސް އިދިކޮޅު ޕީޕީއެމް ގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން މިހާރުވަނީ މެދުކަނޑާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!