ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމުމުގެ ސަބަބުން ދިވެހި އިޤްތިޞާދަށާއި، ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމަށާއި، އެ ނިންމުން ބަދަލުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެއަކީ ރާއްޖޭގެ ސިނާޢީ ހަބް ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާޢީ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
މާލޭގެ ސަރަޙައްދަކީ ބިމުގެ ގޮތުން ދަތި ސަރަޙައްދަކަށްވާއިރު، މާލޭގެ ސަރަޙައްދުން، ޚާއްޞަގޮތެއްގައި މާލޭގެ ސިނާޢީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަޙައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން (99 އަހަރަށް ދިނުމަށް) ހުޅުވާލުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް އެމްއެންޕީގެ ބަޔާނުގައި ބުނެފަވެއެވެ.
''ޚާއްޞަގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ.'' އެ ބަޔާނުގައިވެއެވެ.
އެމްއެންޕީގެ ބަޔާނުގައި ވަނީ ތިލަފުއްޓަކީ މާލޭގެ ސިނާޢީ ސަރަހައްދުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން (99 އަހަރަށް ދިނުމަށް) ހުޅުވާލުމަކީ، ކޯވިޑްގެ ގެއްލުން ތަކުން ދިވެހި ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުޞޫލުތައް ނިގުޅައިގަތުން ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. އަދި އެއީ ދިވެހި އިޤްތިޞާދަށާއި އަދި ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމެއް ކަމަށް ވެސް ބުނެފަވެއެވެ.
''މި ޕާޓީން ޤަބޫލުކުރަނީ ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށެވެ.'' އެ ބަޔާނުގައި ބުނެފަވެއެވެ.
އެމްއެންޕީގެ މި ބަޔާނުގައި ވަނީ ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރެއްވުމަށް ދިވެހިސަރުކާރަށް ގޮވައިލާ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!