މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވައިލީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީ އެވެ.

Ad
rt

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލައްވަން ބޭނުން ފަރާތްތަކުން މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ ރައީސްއެވެ.

މިގޮތުން، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަޤީން ކުރާނެއެވެ.

2009 ވަނަ އަހަރު ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ އޮފީހެކެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.