މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް ފަން ރަން އެއް ބާއްވައިފިއެވެ.

ޗައިނާގެ ހަންގްޒޫގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭއްވި ފަން ރަން ގައި ދުވެފައިވަނީ ތިން ކިލޯމީޓަރުގެ ރާސްތާއަކަެވެ. މިރަން ފަށައި، އަދި ނިންމީ ވެސް ހުޅުމާލޭ ސިންތެޓިކް ޓްރެކަށެވެ.

Ad
rt

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި ހަންގްޒޫ ގޭމްސް އޮގަނައިޒިންގ ކޮމިޓީ ގުޅިގެން ބޭއްވި މި ދުވުމުގައި ގާތްގަޑަކަށް 700 މީހުންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިންނާއި ޗައިނާގެ ކުންފުނިތަކާއި ރާއްޖޭގައި ދުވުމުގައި ހަރަކާތްތެރިވާ ކުލަބު، ޖަމިއްޔާތަކާއި އާންމުންގެ އެކިފަރާތްތައް ވަނީ ބައިވެރިވެރިވެފައެވެ.

މި ދުވުން ފަށާފައިވަނީ މިއަދު ހެނދުނު 6 ޖެހިއިރުއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ މި ދުވުމުގެ ސަބަބުން އޭޝިއަން ގޭމްސް މިހާރަަށްވުރެ ބޮޑަށް މަގުބޫލުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ދުވުމުގައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ދުވުންތެރިން ތިބި ގައުމަކަށްވާތީ އާއި އޭޝިއަން ގޭމްސްގައި ރާއްޖެއިން ވެސް ބައިވެރިވާތީ މިފަދަ ފަން ރަން އެއް ބޭއްވުމަކީ އިތުރަށް މަގުބޫލުކަން ލިބޭނެ ކަމެއް ކަމަށެވެ.

ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން ވިދާޅުވީ މި އިވެންޓުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ މައިދާނުގައި ދެގައުމުން ވެސް އިތުރު ހަރުފަތަކަށް ދިއުމަށް މަގުފަހުވާނެ ކަމަށެވެ.

ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަަމަށްފަހު، ޗައިނާ އިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ.

"އެންމެފަހުގެ މައުލޫމާތުން އެނގޭގޮތުގައި ރާއްޖެއިން މިފަހަރު 11 ގޭމެއްގައި ވާދަކުރޭ. މިއީ ގާތް ގަނޑަކަށް 200 އެއްހާ އެތުލީޓުން. އެހެންވީމަ މިއީ ޗައިނާއަށް ވެސް މުހިންމުކަމެއް. ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ޗައިނާގެ ފަތުރުވެރިކަން ރާއްޖޭގައި އިޝަތިހާރު ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް." ވަންގ ލިކްސިން ވިދާޅުވިއެވެ.

ހަންގްޒޫ ގޭމްސްގެ ޑިރެކްޓަރ އޮފް ކޯ ހޯސްޓް ސިޓީ ޑިޕާޓްމަންޓް، ސޮންގް ޖިއަންބޯ ވިދާޅުވީ އޭޝިއަން ގޭމްސްއަށް ޗައިނާ ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ގޭމްސް މި ސަރަހައްދުގައި ބޭއްވުމަކީ ގައުމުތަކުގެ ގުޅުން ބަދަހިކޮށްދޭނެ މުހިންމު ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަންގްޒޫގައި ބާއްވަން އޮތް ގޭމްސް، މި އަހަރަށް ފަސްކުރީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުންނެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތު ޗައިނާގައި މިހާރު ރަނގަޅުވެފައިވާތީ، މިއަހަރުގެ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށް އޭޝިއަން ގޭމްސް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.