ޝިޕިންގ ކޮމިއުނިޓީއަށް އެއްބާރުލުން ދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އެމްވީ ގެލީނާއަށް ވަޑައިގެންފިއެވެ.
ނަހުލާ ވަނީ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ބޯޓު، އެމްވީ ގެލީނާ އަށް ޒިޔާރަތްކުރައްވައި، ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިގާގޮތް ބައްލަވާލައްވާފައެވެ.

މި ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިނާއި ބައްދަލުކުރައްވާ މިނިސްޓަރ ދެއްކެވި ވާހަކައިގާ މިފަދަ ދިވެހިންގެ އަމިއްލަ ވަސީލަތްތައް އޮތުމުގެ ބޭނުންތެރިކަމަށް ވަނީ ބައްލަވާލައްވާފައެވެ. އައި އެ ބޭނުންކުރުމާއި ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިއްމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިކަމުގައި ދިވެހިޒުވާނުން ބިނާކޮށް ބައިވެރިކުރުމަށް މިނިސްޓްރީން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށް މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސް ގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. މިބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ.