ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިޔާ މަރުވި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޑިންގީ ދުއްވި މީހާ ކަމަށެވެ. އަދި އެއީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޖެނުއަރީ 31 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ގޭ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެމީހާއަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މާލެ އަތޮޅު ތުލުސްދޫގައި ހިނގި މިހާދިސާގައި ނިޔާވެފައިވަނީ ސްނޯކްލިންގ އަށް ގޮސް އުޅުނު، ސްޕެއިނަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.
އޭނާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައީ އަނބިމީހާ އާއި އެކުގައެވެ.
އެ ހާދިސާ ހިނގުމާއެކު އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!