ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް، އެ ދެ އިލްމުވެރިންގެ ފަރާތުން އެދިއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި ބޭއްވި މިއަދުގެ އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ ވަކީލު އެދިވަޑައިގަތީ ޝަރީއަތް ލައިވް ކުރުމަށާއި ލިޔެކިއުންތައް ދިރާސާކުރުމަށް ފުރުސަތެއް ދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ޝަަރީއަތް ލައިވް ކުރުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ދެން އަޑުއެހުމެއް ބޭއްވޭނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުވާތަކާ ގުޅުން ހުރި ލިޔެކިއުންތައް ދިރާސާކޮށް ދައުވާތަކަށް ޖަވާބުދާރީވުމަށާއި ދިފާއީ ހެކި ހުށަހަޅަން ބޭނުންވާނަމަ އެ ކަމަށް ވެސް ދެން އޮންނަ އަޑުއެހުމަކަށް ތައްޔާރުވެގެން އައުމަށް ދިފާއީ ވަކީލަށް ގާޒީ ފާއިޒު އެންގެވި އެވެ.

އެ މައްސަލާގައި އެ ދެ އިލްމުވެރިން ހައްޔަރުކުރިޔަސް, މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ސަރުކާރުން ހިފެހެއްޓި އެވެ.