ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑަށް ގެނެސްފައި މި ވަނީ އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އައި ކްރިސްޓިއަން އެރިކްޝަންއަށް އަނިޔާވެ ދެ މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީންވެ އެ މަގާމަށް ކުޅޭ ކުޅުންތެރިން މަދުވުމާއި ގުޅިގެންނެވެ. ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ މެކްޓޮމިނޭ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.

Ad
rt

ސަބިޓްޒާ ބަޔާން މިއުނިކާއި ގުޅިފައި ވަނީ 2021 ވަނަ އަހަރު ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގުންނެވެ. އޭނާ މިހާތަނަށް ބަޔާނަށް ވަނީ 54 މެޗު ކުޅެދީފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ސަބިޓްޒާ ބުނެފައި ވަނީ ބައެއް ފަހަރު ދިރިއުޅުމުގައި އަވަސް އަދި މުހިންމު ނިންމުންތައް ނިންމަން ޖެހޭކަމަށެވެ. މި ފުރުސަތުގެ ވާހަކަ އަޑުއިވުނު ހިސާބުން މިއީ އޭނާއަށް ރަނގަޅު ފުރުސަތެއް ކަން ގަބޫލްކުރި ކަމަށާއި، ބޭނުންވަނީ މި ސީޒަންގައި ޔުނައިޓެޑާއި އެކު މޮޅުވެ އެ ކުލަބުން މި ސީޒަންގައި ހިފާފައިވާ އަމާޒް ހާސިލް ކުރުމަށް އެހީތެރިވުން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރަނގަޅު ހިސާބެއްގައި އޭނާ މިވަގުތު ހުރި ކަމަށާއި، ބޭނުންވަނީ އޭނާގެ ހަކަތައާއި ތަޖުރިބާ ޓީމަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ސަބިޓްޒާއަކީ އޮސްޓްރިއާގެ ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 68 މެޗުގައި 12 ލަނޑު ޖަހާފައެވެ.

ޔުނައިޓެޑުން ވަނީ މި ޖަނަވަރީ ޓްރާންސްފާގައި އެ ޓީމްގެ ފޯވާޑް ލައިން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ބާންލީއަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ވުޓް ވެގްހޯސްޓް ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ގެނެސްފައެވެ.