އިންޑިއާއަކީ އެޤައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަޞައްވުރަކީ ފުރިހަމަ ނަމޫނާއެއްކަން ވެސް ފާހަގަކުރައްވާފައެވެ.
އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި، ޢަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ޤާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމަޢުގައި ނަމޫނާ ހަމަކަމެއް ޤާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން މިހާރުވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންވެރިކަމާއެކު ދައްކުވައިދީފައިވާ ކަމަށާއި އިންޑިއާގެ ގާނޫނުއަސާސީން ވަނީ އެ ގައުމުގެ ސިޔާދަތާއި، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑިއާގެ ކާމިޔާބީގައި އެގައުމުގެ ގާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!