ޗެލްސީއަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރ ޖޯޖީނިއޯ އާސެނަލް އަށް ވިއްކާޅުމަށް ޗެލްސީން ނިންމައިފިއެވެ.

އުމުރުން 31 އަހަރުގެ ޖޯޖީނިއޯ ޗެލްސީއާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު އިޓަލީގެ ނަޕޯލީންނެވެ. ޖޯޖީނިއޯ ޗެލްސީއާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ޖޯޖީނިއޯއަށް ދިނުމަށް ނިންމާފައި ވަނީ 18 މަސްދުވަހުގެ ކޮންޓްރެކްޓެކެވެ.

Ad
rt

އާސެނަލުން އެ ޓީމްގެ މިޑްފީލްޑް ރަނގަޅު ކުރުމަށް މި ޓްރާންސްފާ ވިންޑޯގައި ފުރަތަމަ ހޯދުމަށް މަސައްކަތް ކޮށްފައި ވަނީ ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ ބްރައިޓަންއަށް ކުޅެމުން އަންނަ ކައެސޭޑޯއެވެ. އޭނާ ގަންނަން އާސެނަލުން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް ބްރައިޓަން އިން ބުނެފައި ވަނީ އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

ޖޯޖީނިއޯއަކީ އާސެނަލުން މި ޖަނަވަރީ ޓްރާންސްފާގައި އެ ކުލަބަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. އާސެނަލުން ވަނީ ބްރައިޓަންއަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ޓްރޮސާޑް އާއި އިޓަލީގެ ސްޕެޒިއާއަށް ކުޅެމުން އައި ޖަކުބް ކިވިއޯގެ ސޮއި ހޯދާފައެވެ.

ޖޯޖީނިއޯ ވަނީ ޗެލްސީއަށް ކުޅެދިން 213 މެޗުގައި 29 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޗެލްސީއާއިއެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ސްޕަކަޕް އަދި ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޖޯޖީނިއޯ އުފަންވެފައި ވަނީ ބްރެޒިލްއަށެވެ. އޭނާ އިޓަލީއަށް ބަދަލުވެފައި ވަނީ އުމުރުން 15 އަހަރުގައެވެ. އިޓަލީއަށް ބަދަލުވެ އޭނާ ފުރަތަމަ ކުޅެފައި ވަނީ އަޒޫރީއަށެވެ.

އިޓަލީގެ ގައުމީ ޓީމަށް އޭނާ ވަނީ 46 މެޗު ކުޅެދީފައެވެ. އިޓަލީއާއިއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.