މިހާރު ހަނިމާދޫގައި ކުރިއަށްދާ "ހަނިމާދޫ ލީގް 2022/23" ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށް ފަހު ޔޫތު ފްރެންޑްސް ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއާއި އަހުލީއެވެ. މި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔޫތު ފްރެންޑްސްއެވެ.
މި މެޗުގައި ފުރަތަމަ ހަތަރު ލަނޑު ވެސް ޖަފާހައި ވަނީ ޔޫތު ފްރެންސް އިންނެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އާލިފް އިބްރާހީމް، ޒަޔާ، މަފާޒްގެ އިތުރުން ޝާހީން އެވެ.
އަހުލީން ވަނީ މެޗުގެ ފަހު ދިހަ މިނެޓުގެތެރޭ ތިންލަނޑު ޖަހައި ޔޫތު ފްރެންޑްސް ޕްރެޝަރަށް ވައްޓާލާފައެވެ. އަހުލީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އަލީ ހުސެއިންގެ އިތުރުން އިމްތިޔާޒް އާދަމް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޔޫތު ފްރެންޑްސްގެ ޖޯޒީ ނަމްބަރު 96، އާލިފް އިބްރާހީމް އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި ހަފްތާގެ ބަންދު ދެ ދުވަސްކަމަށްވާ ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުއެވެ. ހުކުރު ދުވަހު ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު ހަވީރު ޔުނީފޯމް ނުކުންނާނީ ރޫހް އާއި ދެކޮޅަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.
މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދީ، އެ ކުޅުންތެރިންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމެވެ. މީގެ އިތުރުން ހަނިމާދޫގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދިނުމެވެ.
މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!