މުދަލު ޒަކާތުގެ ނިޞާބު މިއަދު ކަނޑައަޅައިިފިއެވެ.

މިއަދު މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނެރެފައިވާ ބަޔާނުގައިވާގޮތުން 30 ޖަނަވަރީ 2023 އިން ފެށީގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7062.65 ( ހަތްހާސް ފަސްދޮޅަސް ދެރުފިޔާ ފަސްދޮޅަސް ފަސްލާރި ) އެވެ.

Ad
rt

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު ، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެފައިސާ ހުންނަތާ ޙިޖްރީގޮތުން 01 އަހަރު ވުމުން ޝަރުޢީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (%2.5 ) ނެރުމަށް ވެސް އެ ބަޔާނުގައި ނަޞޭޙަތްތެރިވެފައިވެއެވެ.

އިންސާނުންގެ ހިތްތަކުގައި މުލަދަށް އޮންނަ ލޯތްބާއި ދަހިވެތިކަމަކީ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. އިންސާނުންގެ ތެރޭގައި ތަނަވަސްކަމާއި މުއްސަނދިކަން ލިބިފައިވާ މީހުންނާއި ނިކަމެތި ފަޤީރުން އުޅެއެވެ. މުދަލަކީ ފަޤީރުންގެވެސް ޙައްޤެއްކަން މުއްސަނދިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެގޮތުން މުދަލަށް ލޯބިކުރުމުގައި ހަނދާންކުރަންވީ ދެކަމެއް ފާހަގަކޮށްލާނަމެވެ. އެއީ މުދަލަކީ މާތްﷲގެ މިލްކެއްކަމާ، މުދަލަކީ އޭގެ ޙައްޤުވެރިންގެ އަމާނާތެއްކަމެވެ.

ޒަކާތް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ފިޠުރު ޒަކާތާއި މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ރޯދަމަހާއި ވިދިގެން ނެރޭ ޒަކާތެވެ. އަދި މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ޒަކާތް ނިޞާބު ހަމަވެ، ޙިޖުރީގޮތުން އަހަރު ވުމުން ނެރެން ޖެހޭ އެއްޗެކެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ރޯދަމަހާ ގުޅިގެން ނެރޭ ފިޠުރު ޒަކާތް އެކަނިކަމަށެވެ. ނަމަވެސް އިސްލާމްދީނުގެ ރުކުންތަކުގައި 3 ވަނައަށް ހިމެނިފައިވާ ޒަކާތަކީ ޙަޤީޤަތުގައި މުދަލު ޒަކާތެވެ. އަނެއްބަޔަކު ހީކުރަނީ މުދަލު ޒަކާތް ނެރެން ޖެހެނީ ހަމައެކަނި ވިޔަފާރިވެރިންނަށް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ވިޔަފާރިއެއް ކުރިކަމުގައި ނުވިޔަސް ވަޒީފާ އަދާކޮށްގެން ނުވަތަ އެނޫން ގޮތަކުން ވިޔަސް ލިބޭ ފައިސާއިން ނިޞާބު ހަމަވެ، ޙިޖުރީ އަހަރު ފުރޭއިރު، އެފައިސާ ނިޞާބަށްވުރެ މަދު ނުވެއް ހުރިނަމަ، އެއިން ޒަކާތް ނެރެން ޖެހޭނެކަމެވެ. އެއީ ތަނަވަސްކަން ލިބިގެންވާ މީހުންގެ މުދަލުގައި އޭގެ ޙައްޤުވެރިންނަށް މާތްﷲ، ސާޅީސްބައި ކުޅަ އެއްބައި ލައްވާފައިވާތީއެވެ.

މިއީ މުދަލަށް ދަހިވެތިވެ، މުދާ ފޮރުވަންވީ ވަގުތެއް ނޫނެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މިންވަރަށް އޭގެ ޙައްޤުވެރިންނަށް ޒަކާތް ނެރެން ފަސް ނުޖެހޭށެވެ. އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި، މި ރުކުން އަދާކުރާށެވެ.