ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރަން މިހާތަނަށް ނިންމާފައިނުވާނެކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ، ''ރިޔާސީ އިންތިޚާބުގައި އެމްއާރުއެމުން ރައީސް ޞާލިޙަށް ތާއީދެއް ނުކުރާނެ: ޓީމް އެމްއާރުއެމް'' މި ސަރުޚީގެ ދަށުން ނޫހަކުން ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް، އެ ޕާޓީގެ އިސް ލީޑަރު، ރައީސް ޞާލިޙް 61 އިންސައްތައިގެ ވޯޓާއެކު ކުރި ހޯއްދަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވާއިރު އަދި މިހާތަނަށް އެއްވެސް ޕާޓީއަކާއިއެކު އިއްތިހާދުވުމަށް ރަސްމީ ވާހަކަތަކެއް ބޭއްވިކަން ތިލަވެފައެއްނުވެއެވެ.

އެމްއާރުއެމުން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދެއް ނުކުރާނެކަމަށް ގެނެސްދީފައިވާ ޚަބަރު ދޮގުކުރައްވައި ޔުމްނާ ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

''އެމްއާރުއެމުން މިފަދަ ނިންމުމެއް ނުނިންމާ'' ޔުމްނާ ވިދާޅުވެފަވެއެވެ.

އެމްއާރުއެމަކީ މިހާރު ވެސް ވެރިކަން ކުރަމުން އަންނަ އިއްތި ހާދުގެ ބައިވެރިއެކެވެ. ސިޔާސީ ހަރަކާތްތައް މަޑުޖައްސާލާފައި އޮތުމަށްފަހު ފާއިތުވި ދެތިން މަސްތެރޭގައި އެ ޕާޓީވަނީ ބައެއް ސިޔާސީ ހަރަކާތްތައް ފަށާފައެވެ.