ރާއްޖެއިން ޢުމްރާ މީހުން ގެންދާ ގްރޫޕްތަކުން، އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ހުރި ދަތިތައް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އާ ހިއްސާކޮށްފިއެވެ.
އެ ފަރާތްތަކުން މިކަންކަން ހިއްސާކޮށްފައިވަނީ އެ ގްރޫޕްތަކާއެކު މިނިސްޓަރ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ހުރި ދަތިތައް މިނިސްޓަރާއި ޙިއްސާކުރައްވާފައެވެ.
މި ވާހަކަތަކަށް ބައްލަވަމުން މިނިސްޓަރ ވަނީ، ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ދިމާވާ ކަންކަމާއި، ޢުމްރާއަށް ދާ ފަރާތްތަކަށް ދިމާވާ ކަންކަން ޙައްލުކޮށްދެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމާއި އެކަންކަމަށް ޙައްލު ލިބޭނެކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތައް އަދި ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާއި ޙިއްސާކޮށްފައިވާ ކަންކަމަށް ބައްލަވައި، އެއީ ދިމާވާ ކަންތައްކަމުގައިވާނަމަ، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އެގޮތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ވީހާވެސް ބޮޑަށް އަޅާލުމާއި، ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަމުގައިވެސް ފަރުވާތެރިވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރެއްވުންފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!