ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރެއިމްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއިމްސް މި މެޗާއި ކުރިމަތިލީއިރު އެ ޓީމް އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައި ނުވެއެވެ. ޕީއެސްޖީއަށް މި ސީޒަންގައި ރެއިމްސް އަތުން މިހާތަނަށް މޮޅުވެވިފައިނުވާއިރު، މި ދެ ޓީމް ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހު ރެއިމްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއިމްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ވަނީ ޕީއެސްޖީގެ ކީޕަރު ޑޮނަރުންމާ މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ޕީއެސްޖީންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާއެއް ރެއިމްސްގެ ޑިފެންސުން ބްލޮކް ކުރިއިރު އެ ބޯޅަ އޭރިއާތެރެއިން ލިބުނީ ހުސްކޮށް ހުރި ނޭމާއަށެވެ. ނޭމާ ވަނީ ކީޕަރު ނައްޓާލުމަށް ފަހު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޕީއެސްޖީގެ މިޑްފީލްޑަރ ވެރާޓީ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ވެރާޓީ ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގައެވެ.
ރެއިމްސް އިން ނަތީޖާ އެއްވަރު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ފޮލާރިން ބަލޯގުން ކާމިޔާބު ކުރި ލަނޑުންނެވެ.
މި ނަތީޖާއާއިއެކު ޕީއެސްޖީ އެއްވަނާގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތީ ލެންސްއެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 45 ޕޮއިންޓެވެ. ރެއިމްސް އޮތީ ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!