މި ސީޒަންގައި އާދަޔާ ޚިލާފަށް ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީން ރޭ އިޓާލިއަން ލީގުގައި ރޯމާއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބޮޑު ލީޑެއް ނަގައިފިއެވެ.
ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ރޯމާގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނެތީޖާއިންނެވެ.
ނަޕޯލީގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެސް ނަޕޯލީންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިކްޓަ އޮޝީމެންއެވެ. މިއީ ލީގުގައި އޭނާ ޖެހި 14 ވަނަ ލަނޑެވެ.
ރޯމާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ޒެލެސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލްޝަރާވީއެވެ.
މެޗުން ނަޕޯލީ މޮޅުވި ލަނޑު 86 ވަނަ މިނެޓުގައި ޒިއެލެންސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސިމިއޯންއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ރޭ ވަނީ ސަސުއޯލޯ އަތުން 5-2 ގެ ނެތީޖާއިން ބަލިވެ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ޓްރާންސްފާގައި މަކަރު ހެދުމުން ޕޮއިންޓް އުނިކުރި ޔުވެންޓަސް ވެސް ރޭ މޮންޒާއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-0 ބަލިވެފައެވެ. އެ ޓީމް މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ.
ރޭ މެޗުން ލިބުނު މޮޅާއިއެކު ނަޕޯލީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ކުޅުނު 20 މެޗުން ވަނީ 53 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އިންޓަ މިލާން އޮތީ ކުޅުނު 20 މެޗުން ލިބުނު 40 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!