އަހަރުގެ ފުރަތަމަ ގްރޭންޑްސްލޭމް ޓެނިސް މުބާރާތްކަމަށްވާ، އޮސްޓްރޭލިއަން އޯޕަން މި އަހަރުގެ މުބާރާތް ސާބިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުޅުން ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބު ކޮށްފައި ވަނީ ގްރީސްގެ ސިޓްސިޕާސްއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ޖޮކޮވިޗް ސެޓްތައް ގެންގޮސްފައި ވަނީ 3-6، 6-7، 6-7 އިންނެވެ.

Ad
rt

މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އޭނާގެ ކެރިއާގައި ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. މި ތައްޓާއިއެކު އޭނާ ވަނީ 22 ގްރޭންޑްސްލޭމް ހޯދައިގެން ފިރިހެން އެންމެ ގިނަ ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ހަދާފައިވާ ސްޕެއިންގެ ރަފޭލް ނަޑާލްގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

ގްރޭންޑްސްލޭމް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް އޮތީ އަންހެން ދެ ކުޅުންތެރިއެއްގެ އަތުގައެވެ. ޖުމްލަ 24 ގްރޭންޑްސްލޭމް ހަމަކޮށްގެން އެ ރެކޯޑް މިހާތަނަށް އޮތީ މާގަރެޓް ކޯޓާއި ސެރީނާ ވިލިއަމްސް އަތުގައެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ޖޮކޮވިޗް ދިހަ ފަހަރު ވާދަކުރިއިރު އޭނާ ވަނީ އެ ދިހަ މެޗު ވެސް ކާމިޔާބުކޮށް ތަށި ހޯދާފައެވެ. ފާއިތުވި އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ޖޮކޮވިޗަށް ކުޅެވިފައި ނުވަނީ، އޭނާ ވެކްސިން ނުޖަހާ ހުރުމުން އޮސްޓްރޭލިއާއިން އޭނާ ޑީޕޯޓް ކޮށްލުމުންނެވެ.

މި ފައިނަލް މެޗަކީ ގްރީސްގެ އުންމީދީ ޓެނިސް ކުޅުންތެރިޔާ ސިޓްސިޕާސްއާ ގްރޭންޑްސްލޭމް މުބާރާތުގެ ފައިނަލުގައި ކުޅުނު ދެވަނަ ފަހަރެވެ. ނަމަވެސް އެ ދެ މެޗުން ވެސް އޭނާ ބަލިވީ ޖޮކޮވިޗް އަތުންނެވެ. 2021 ވަނަ އަހަރު ފްރެންޗް އޯޕަންގައި ވެސް މި ދެ ކުޅުންތެރިން ވާދަކުރި އިރު އެ މެޗު ވެސް ކާމިޔާބު ކުރީ ޖޮކޮވިޗެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި މި ކާމިޔާބީ ހޯދަން އޭނާ ކުރި މަސައްކަތް އޭނާގެ އާއިލާއަށާއި ޓީމަށް ވަރަށް ގާޓުން ފެނިފައިވާނެ ކަމަށެވެ. މިގޮތުން މި ކާމިޔާބާ ހަމައަށް މި އާދެވުނީ ވަރަށްގިނަ ޗެލެންޖްތައް ކަޑަތުކޮށްފައި ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު މިއީ އޭނާގެ ހަޔާތުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.