ކުރިމަގުގައި ވެސް މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށާއި މި ޕްރައިމަރީއަށްވުރެ ފަސޭހަ ކާމިޔާބީއެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިމަރީއަށްފަހު، 'ދަނޑިކޮށި' ޖަގަހައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ސާލިހު ވަނީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވައި، ޕާޓީގެ އެންމެހާ މެންބަރުން އެކުގައި މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.
މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސް، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނެކަމަށް މިހާތަނަށް އާންމުކުރި ނަތީޖާތަކުން ވަނީ ދައްކާފައެވެ.
މިއަދުގެ ވޯޓުގެ ނަތީޖާ އެމްޑީޕީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުން އަންނައިރު، މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުން ޞާލީހަށް ވަނީ 63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16462 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގަތީ 37 އިންސައްތަ ވޯޓެވެ. އެއީ 9881 ވޯޓެވެ.
އެހެންނަމަވެސް ޕްރައިމަރީގެ ނަތީޖާ ޝީޓުތަކުގައި މައްސަލަ ހުރި ކަމަށް ބުނެ ނަޝީދުގެ ކެމްޕޭން ޓީމުން އަދި އިންތިޚާބުން ބަލިވީ ކަމަށް ގަބޫލުކުރައްވާ ކަމަށް އިއުލާން ކޮށްފައެއް ނުވެއެވެ. ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ގިނަ ވޯޓު ފޮށިތަކުން ކުރީގައި އުޅުއްވަނީ ނަޝީދު ކަމަށާއިއި އާދަޔާ ހިލާފަށް ވޯޓުލާފައިވާ ފޮށިތަކެއްގެ ސަބަބުން ރައީސް ސޯލިހު ކުރީގައި އުޅޭ ކަމަށް ދައްކަނީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!