ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ.

މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އޮއްސޭނެ ކަމީ ހަގީގަތެއް ކަމަށެވެ.

’’ﷲ އިރާދަފުޅުން ދެން ބޮޑު ގޮނޑިން ކުޑަ ގޮނޑިއަށް ވެސް ފައިބާނެ، ރައްޔިތުން ލޮލުގައި އަނދުން އަޅުވައިގެން ދެއްކި ޔަހޫދީކަން ވެސް ދެން ނިމެން ލަސްތަކެއްނުވާނެ’’ މޮސްޓާ ވިދާޅުވެފަވެެއެވެ.

މޮސްޓާގެ ބަހުގެ ހަމަލާ ރައީސް ނަޝީދަށް އަމާޒު ކުރައްވާފައިވާއިރު، މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި މިހާތަނަށް ސާފުވި ޖުމްލަ ނަތީޖާ ކަމަށް އެމްޑީޕީން އާންމުކޮށްފައިވާ ނަތީޖާ އަށް ބަލާއިރު 62 އިންސައްތަ ވޯޓާއެކު ރައީސް ޞާލިޙް އުޅުއްވަނީ ކުރީގައެވެ.

ޕްރައިމަރީގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ގްރޫޕްތަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ގިނަ ފޮށިތަކުގެ ނަތީޖާ އިން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. ނަތީޖާއިން ބޮޑު ފަރަގެއް ދައްކަނީ މަދު ބައެއް ތަންތަނުން ''އާދަޔާ ޚިލާފަށް ގިނަ ވޯޓު'' ފޮށީގައި ހުރުމުން ކަމަށް ނަޝީދު ވިދާޅުވެފަވެއެވެ.