ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

Ad
rt

މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށް ވެސް ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ވަނީ އާދަޔާ ހިލާފަށް ކަރުހިއްކުމާއި ބޮލަށް އެނބުރުން އެރުން އަދި ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ވީއެންމެއަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގިނައިން ހޮޑުލެވުމާއި ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން ފަދަ ކަމެއް ދިމާވާނަމަވެސް ލަސްނުކުރައްވާ، ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމަށް ވަނީ އެދިފައެވެ.

ބަލީގެ އަލާމަތްތައް ފެންނަ ނަމަ ތިމާއާ އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައެވެ.