މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ.

Ad
rt

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ.

3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި މިވަގުތު ހުންނަނީ ސިއްހީ މަރުކަޒެކެވެ. އަދި ކޮންމެ ދުވަހަކު ވެސް 40 އަށް ވުރެ ގިނަ މީހުން އޯޕީޑީން ހިދުމަތް ހޯދާއިރު، އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޖާގައިގެ ދަތިކަމެވެ.

2 ޑޮކްޓަރުންނާއެކު، 24 ގަޑިއިރު ހިދުމަތްދެމުން އަންނަ ތުޅާދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީން، ޢާއްމު ގޮތެއްގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދެއެވެ.

އެރަށުގައި އަލަށް އިމާރާތް ކުރާ މި ހޮސްޕިޓަލުގެ ސަބަބުން އެރަށުގެ ރައްޔިތުންނާއި ރަށުން ބޭރުން އެރަށަށް އެކި ފަރުވާއަށް އަންނަ މީހުންނަށް ލުއި ފަސޭހައެއް ލިބޭނެއެވެ. އަދި މާލެއަށް ކުރަމުންއައި ދަތުރުތަކަށް ވެސް ނިމިމެއް އަންނާނެއެވެ. އޭގެ ސަބަބުން ކުރަން ޖެހޭ ހަރަދު ކުޑަވެ، ފަހަށް ރައްކާކުރާ މިންވަރު ވެސް އިތުރުވެގެންދާނެއެވެ.

ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ރާއްޖޭގެ 15 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.