ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް ދީފިއެވެ.
މި ލައިސަންސް އޭނާއަށް ދިނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، "ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް" (ވެކްސް) ގެ ފަރާތުންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ވެކްސްގެ ފަރާތުން އަރުވާ މި ލައިސަންސް ހޯދުމުގެ ކުރިން "ރޫކީ ޖަޖު" (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި މަސައްކަތްކޮށް، ތަޖުރިބާ ހޯދަން ޖެހެއެވެ.
ވެކްސް ގައި ޖަޖުންގެ 3 ކެޓެގަރީއެއް އޮވެއެވެ. އެއީ ރީޖަނަލް ޖަޖު، ކޮންޓިނެންޓަލް ޖަޖު އަދި އިންޓަރނޭޝަނަލް ޖަޖެވެ.
2010 ވަނަ އަހަރު، ދައުލަތުގެ މީޑިއާގެ ޓީވީއެމް އިން ބޭއްވި ރަހަތަފާތު ޕްރޮގްރާމުން 1 ވަނަ ހޯދާފައިވާ ޝިއުނާއަކީ ސިންގަޕޯރ އެއަރލައިންސްގެ ކޭޓަރިންގ އެކެޑަމީ "ސެޓްސް" ގައި ތަމްރީނުވާން ލިބުނު ފުރަތަމަ ދިވެހި ޝެފް ވެސް މެއެވެ. ސެޓްސްއަކީ ސިންގަޕޫރުގެ އެންމެ މަޝްހޫރު އެއް ކަލިނަރީ އެކެޑަމީއެވެ.
ޝިއުނާ ވަނީ ތައިލެންޑް، މެލޭޝިޔާ، ސްރީލަންކާ، ތުރުކީ އަދި އަބޫދާބީ ގައި އެކިއެކި ކަލިނަރީ ތަމްރީނު ވެސް ފުރިހަމަކޮށްފައެވެ. އަދި ރާއްޖޭގެ ރިސޯޓެއްގައި 2021 ވަނަ އަހަރު ބޭއްވި ސްވިޑްން މާސްޓަރޝެފް އެޕިސޯޑް 12 ގައި އެހީތެރިވުމަށް އެކުލަވާލި ދިވެހި ޝެފުންގެ ޓީމުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެ، ތަޖުރިބާ ހޯދާފައެވެ.
ޝިއުނާގެ އިތުރުން، މިވަގުތު ރާއްޖޭގައި ކޮންޓިނެންޓަލް ޖަޖުންގެ ގޮތުގައި ތިބީ އަބްދުﷲ ސަބާހުއާއި އިސްހާގު ސާލިޙު އަދި އައިމިނަތު ޝާނީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!