ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެދެއްވައި، އެއީ ''ލައްކަވާހަކަ'' ކަމަށް ވިދާޅުވެއްޖެއެވެ.
މައުސޫމް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ، 3 ރައީސުންގެ ވެރިކަމުގައި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީ ކުރެވުނީ 521 ގެސްޓު ހައުސް ކަމަށެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދަކީ 8563 ކަމަށާއި، އެއީ އަހަރަކަށް ބަލާއިރު 856 އެނދު ކަމަށް ވިދާޅުވިއެވެ.
ކޯވިޑްގެ ދަތިކަމާ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ދަތިކަމާއެކު ވެސް ރައީސް ޞާލިޙްގެ ވެރިކަމުގެ 4 އަހަރުގެ ތެރޭގައި 356 ގެސްޓުހައުސް ތަރައްގީކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދަކީ 5615 އެނދު ކަމަށާއި، އަހަރަކަށް ބަލާނަމަ އެއީ 1403 އެނދު ކަމަށް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ، ކޯވިޑްގެ ދަތިކަމާއެކު ދިޔަ ދުވަސްތަކަށް ބަލާއިރު، އެ މުއްދަތު އުނިކޮށްލާނަމަ ރައީސް ޞާލިޙްގެ ވެރިކަމުގައި އަހަރަކު 2806 އެނދު ތަރައްގީކުރެވިފައިވާ ކަމަށެވެ.
''މިހާރު ހުރިހާ އަތޮޅެއްގަ، 116 ރަށުގަ 877 ގެސްޓުހައުސްގަ ، 14178 ގެެސްޓްހައުސް އެނދު! ލައްކަ ވާހަކަ'' މައުސޫމް ވިދާޅުވެފަވެއެވެ.
ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދުތަކާގުޅޭގޮތުން މައުސޫމް ވާހަކަދައްކަވާފައި މިވަނީ އައު ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި އެ ޕްރައިމަރީ އޮންނާނީ މާދަމާ އެވެ.
މައުސޫމަކީ ވެރިކަންކުރާ އިއްތިހާދުގެ ބައިވެރިއެއްކަމަށްވާ ޖުމްހޫރީޕާޓީގެ ސްލޮޓެއްގައި ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ފަތުރުވެރިކަމުގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!