މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ހަދާނެކަމުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ، މިއަދުގެ ހަޤީޤީ ޑޮލަރު ރޭޓަކީ 17.35 ރުފިޔާ ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ މީހާއަށް ފައިދާ އެވަނީ އެތައް ލައްކައިން ކަމުގައި ވިދާޅުވިއެވެ. އެގޮތަށް ކަންހިނގާއިރު ނިކަމެތި މީހާ ނިކަމެތިވެގެން ތިބެންވީތޯ ނާޒިމް ވަނީ ސުވާލު ކުރަށްވާފައެވެ.

ރާއްޖޭގެ މުޅި އިޤްތިޞާދު ބަރޯސާވަނީ ހަމައެކަނި ޑޮލަރަށް ކަމަށާއި، މިއަދު ދިވެހިންގެ ހާލަތަކީ ސަލާންޖަހާ މީހުންގެ ހާލަތު ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއް ބައެއްގެ ކައިރިން އަނެއް ބައެއްގެ ކައިރިއަށް ޑޮލަރަށް ސަލާންޖަހަން ދާންޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެމްއެންޕީ ވެރިކަމަށް އަންނާނީ މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ކުޑަކުރަން ކަމަށެވެ. އެމްއެންޕީގެ ވެރިކަމެއްގައި މުއްސަނދިން މުއްސަނދިވެ ފައިސާ ހޯދަންވީ ކަމަށާއި، އެ ޕާޓީގެ ވެރިކަމުގައި އެ ޕާޓީގެ މަސައްކަތަކަށްވާނީ ނިކަމެތި މީހާވެސް އެހަމައަށް ގެނައުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މުއްސަނދިންނާ ނިކަމެތި މީހާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މުއްސަނދިން އަތުން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރަށްވާފައެވެ. އަދި އޭނާ ވަނީ އެންމެ ނިކަމެތި މީހާ އަތުން ޓެކްސްއެއް ނުނަގާނެ ކަމަށާއި އެތަފާތު ދެނެގަންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރިއަށް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.