މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރެވޭނީ ހޮނިހިރު ދުވަހުގެ ޕްރައިމަރީގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހޮވައިގެން ކަމަށާއި، ވެރިކަން ނުލިބިއްޖެނަމަ ޕާޓީގެ އާންމު މެންބަރުން މަގުމަތިވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރޮޒައިނާ ވަނީ ޕްރައިމަރީގައި ރައީސް ޞާލިޙް ހޮވަންޖެހޭ ސަބަބުތައް ވިދާޅުވެފައެވެ. މިގޮތުން ޕްރައިމަރީގައި ރައީސް ޞާލިޙް ހޮވަންޖެހެނީ ރައީސް ޞާލިޙް ހޮވައިގެން ނޫނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން ނެތުމުން ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮންމެ މީހަކުވެސް ދަރިން ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އެކަމަކު ލޯބިން ގޮސް ދަރިއަކު އަތަށް ވަޅިއެއް ނުދޭނެ ކަމަށް ވިދާޅުވިއެވެ. ދަރިއަކުދެކެ ކިތައްމެ ލޯބިވީނަމަވެސް އެ ދަރިއަކު ގޯސްމަގަކުންދާނަމަ ބުނަންވާނެ ކަމަށާއި، ނޫނީ އެ ދަރިފުޅާ ދިމާއަށް ''ހާދަމޮޅޭ ހާދަމޮޅޭ'' ކިޔަންހުއްޓާ އެ ދަރިފުޅު މަގުން ކައްސާލައިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ނަގާވޯޓަކީ އެމްޑީޕީގެ މުސްތަގުބަލު ކަނޑައަޅާ ވޯޓު ކަމަށެވެ. އަދި ޕާޓީއަށް ވެރިކަމަށް އާދެވެން އޮތީ ޕްރައިމަރީން ރައީސް ސޯލިޙް ހޮވައިގެން ކަމަށް ވިދާޅުވިއެވެ.

ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ސިއްހަތާބެހޭ ވަޒީރު ނަސީމާއި، ތިމާވެއްޓާބެހޭ ވަޒީރު ޝައުނާ އާއި ފެނަކަ އެމްޑީ ސައީދުގެ ނަން ވިދާޅުވެ، ރޮޒައިނާ ވިދާޅުވީ ވެރިކަން ނުލިބިއްޖެނަމަ އެ ބޭފުޅުންގެ މަގާމު ގެއްލިދާނެތީ ބިރުން ނޫޅުއްވާ ކަމަށެވެ. އަދި ވެރިކަން ނުލިބިއްޖެނަމަ މަގުމަތިވާނީ ޕާޓީގެ އާންމު މެންބަރުންކަމަށާއި، އެކަންވަނީ ތަޖުރިބާ ކުރެވިފައިކަމަށް ވިދާޅުވިއެވެ. މިގޮތުން 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ އެތައް މެންބަރުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލިކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ނުކުމެތިބީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރަން ކަމަށާއި، އެކަން ހުއްޓެން ވެސް ނެތް ކަމަށެވެ. އަދި ރައީސް ޞާލިޙް ވަނީ 50 އަހަރުން ވެސް ރާއްޖެއަށް ނުގެނެވޭ ތަރައްގީ އެންމެ 2 އަހަރުން ގެނެސްދެއްވާފައިކަމަށް ވިދާޅުވިއެވެ.