ހޮނިހިރު ދުވަހު އޮންނަ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު، ޕާޓީ ވެރިކަމަށް ގެނެސްދެވޭނީ ކޮން ކެންޑިޑޭޓެއް ހޮވައިގެންތޯ ޕާޓީގެ މެންބަރުން ވިސްނަންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާލެވުމަށް މިރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދާ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވެރިކަމުގައި ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކަށާއި، ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސަތު ތަކާއި އަދި އެ ސިޔާސަތުތަކާއެކު ކުރިއަށް ލިބެން ހުރި ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި މިރޭގެ ޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ އެކަންކަމާއެކު ހުއްޓި ތިބެވުނު ހިސާބުން ތަރައްގީ އައިގެން ކުރިއަށް ދާނީތޯ ނުވަތަ ދާގޮތައް ގޮސް މަގުމަތިވާނީތޯ ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
ރައީސް ވިދާޅުވީ، ތަރައްގީއައިގެން ވަރަށް ފަސޭހައިން ކުރިއަށް ދެވެން އެބައޮތް ކަަމަށެވެ. މަގުމަތީގައި ތިބެންވީ އެ ނޫންގޮތެއް ނެތްނަމަ ކަމަށް ރައީސް ވިދާޅުވިއެވެ.
2008 ވަނަ އަހަރާއި، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކަންތައްތައްވެގެން ދިޔަގޮތް އޮތީ ފެންނަން ކަމަށާއި، އެކަންކަމަށް ވިސްނައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ވެރިކަމަށް އަންނަން އޮތް ފުރުސަތު ނަގައިނުލުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި ވޯޓުލައި ކެންޑިޑޭޓެއް ހޮވިދާނެ ކަމަށެވެ. ނަމަވެސް ދެން އޮތް މަރުހަލާތައް ކަޑަތުކޮށް އެމްޑީޕީގެ ސަރުކާރެއް ގެނެސްދެވޭނީ ކާކު ޕްރައިމަރީގައި ހޮވައިގެންތޯ އެމްޑީޕީގެ މެންބަރުން މެންބަރުން ވިސްނަންޖެހޭކަމަށެވެ.
ރައީސް ވަނީ އެމްޑީޕީގެ މެންބަރުން ވޭތުވި 30 ނުވަތަ 35 އަހަރުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތް ގެއްލިދާން އެދިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން އެނބުރި ފަހަތަށް ދިޔުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!