މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ބިން ސާފުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތުދެމުން، ހައުސިންގ މިނިސްޓްރީން ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، މިއީ މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ބިން ކަމަށެވެ. އަދި ބިން ލިބޭ މީހުންނަށް އަންނަ މާރޗް މަހު ބިން ހަވާލު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ބިން ދޫކުރުމަށް 1.2 މިލިއަންގެ އަކަފޫޓުގެ ސަރަހައްދެއް އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށެވެ.
ބިން ސާފު ކުރުމުގެ މަސައްކަތް ދެ ހަފްތާ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވިއެވެ. އާތިފް އިތުރަށް ވިދާޅުވީ، މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ހުޅުމާލޭގެ އިތުރުން ގުޅިފަޅު ހިއްކައިގެންވެސް މާލެ ރައްޔިތުންނަށް ބިން ދިނުމަށް ވަނީ ނިންމާފައެވެ. އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ އިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމުލީ 15،164 މީހުން ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމާލޭގައި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ސާފުކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ހައުސިންގ މިނިސްޓްރީން މިއަދު ވަނީ ފަށާފައެވެ. 1/2 pic.twitter.com/jaGi9X8k9s
— HDC (@hdcmaldives) January 26, 2023
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތި، އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.
މާލެ މީހުންނަށް ހުޅުމާލެ އިން ދޫކުރަނީ 1،000 ގޯއްޗެވެ. އެ ގޯތިތަކުން އެންމެ ކުޑަ ގޯތީގައި 1،250 އަކަފޫޓު ހުންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!