ރާއްޖެ އައި ދެ ޓޫރިސްޓަކުން ދިވެހި ފޮޓޯގްރާފަރަކު ލައްވައި ކުރުވި މަސައްކަތަށް ފައިސާ ނުދޭ ކަމަށް ބުނެ ފޮޓޯގްރާފަރު ކޯޓަށް ދިއުމުން އެ ދެ ޓޫރިސްޓުން ރާއްޖެއިން ނުފުރޭ ގޮތަށް ސިވިލް ކޯޓުން އިއްޔެ އަމުރެއް ނެރެފި އެވެ.
މިމަހު ރާއްޖެ އައި ރަޝިއާގެ ދެ ފަތުރުވެރިއަކު ފުރުން މަނާކުރީ އެ މީހުން ރާއްޖެ އައިސް، ދިވެހި ފޮޓޯގްރާފަރަކު ލައްވައި ފޮޓޯ ނެގުވުމަށްފަހު އެއްބަސްވި އަގުގެ ތެރެއިން 1،100 އަށް ވުރެ ގިނަ ޑޮލަރު ނުދޭ ކަމަށް ބުނެ ފޮޓޯގްރާފަރު ކޯޓަށް ދިއުމުންނެވެ.
އެ ދެ ފަތުރުވެރިން މިއަދު ރާއްޖެއިން ފުރަން ހަމަޖެހިފައިވާތީ މައްސަލަ ނިމެންދެން ފުރުން މަނާކުރުމުގެ އަމުރަކަށް ފޮޓޯގްރާފަރުގެ ފަރާތުން އެދުމުން ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ މައްސަލަ ނުނިމެނީސް އެ މީހުން ފުރައިގެން ގޮސްފިނަމަ ފޮޓޯގްރާފަރަށް އިއާދަ ނުކުރޭނެ ގެއްލުންވާނެ ކަމަށެވެ.
ކޯޓު އަމުރުގައިވަނީ ފޮޓޯގްރާފަރުގެ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު މަސައްކަތުގެ އަގާ މެދު ދެ ފަރާތުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ. އެހެންވެ، ހިމާޔަތް ހޯދަންޖެހޭ މައުޟޫއީ ހައްގެއް އެ މައްސަލާގައި ފެންނަން އެބައޮތް ކަމަށް އަމުރުގައިވެ އެވެ.
އެހެންކަމުން އެ ދެ ފަތުރުވެރިން ފުރުން މަނާކުރަން އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށް އަދި އެ މީހުން ފުރަން އުޅޭނަމަ އެކަން ހުއްޓުވަން ފުލުހުންގެ މައްޗަށް ވެސް އަމުރުކުރާ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!