ކުޑަކުދިން ލައްވާ ކުރުވުން މަނާކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ.
ސަރަކާރުގެ ގެޒެޓުގައި ޝާއިއުކުރި އިސްލާހުގައި ބަދަލު ގެނެސްފައިވަނީ ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް ބަޔާންކުރާ މާއްދާ ކަމަށްވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާއްމު ގަަވައިދުގެ 10 ވަނަ މާއްދާ އެވެ.
އެ މާއްދާ ކުރިން އޮތް ގޮތުން، ކުޑަކުދިން ބައިވެރިކުރުން މަނާ 17 ބާވަތެއްގެ މަސައްކަތް އޮވެ އެވެ. އެހެންނަމަވެސް އިސްލާހުގައި އޮތީ ހަތް ބާވަތެއްގެ މަސައްކަތްތަކެވެ.
ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ތެރޭގައި ނުރައްކައުތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކައުކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި ތެލާއި ޕެޓްރޯލު ފޯރުވުމުގެ އަމަލީ މަސައްކަތްތައްޔަކާއި ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ވޭޕިން ފަދަ އެއްވެސް ބާވަތެއް ވިއްކުމުގެ އަމަލީ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގައި ހިންގާ ބަނދަރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރާ ހެވީ މެޝިނަރީ އޮޕަރޭޝަންސް ފަދަ ބާވަތްތަކުގެ މަސައްކަތްތަކާޢީ ސަފާރީތަކާއި ޔޮޓުތަކުގައި ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްތަކާއި ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ތެރެއިން ރޭނުމާއި ސިމެންތިޖެހުން ފިޔަވައި އެހެން މަސައްކަތްތައް ވެސް ހިމެނެއެވެ.
ހަމަމިއާއެކު ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މަނާކޮށްފައިވާ މަސައްކަތެއް ނުވަތަ އިސްލާމްދީން މަނާކުރާ މަސައްކަތްތައް ވެސް ހިމެނެއެވެ.
ފަހުގެ އިސްލާހުގައިވާ ގޮތުން މި މަސައްކަތްތަކަކީ ތައުލީމާއި ތަމްރީނު ދިނުމުގައި ކަމަށް ވިޔަސް އަދި އާއިލާން ކުރާ މަސައްކަތަކުގައި ބައިވެރިކުރުމުގެ ގޮތުން ނަމަވެސް ކުޑަކުދިން ލައްވާ ކުރުވުން މަނާ މަސައްކަތްތަކެވެ.
ގަވައިދު ކުރިން އޮތް ގޮތުން ޝާއިއުކުރި އިސްލާހުގައިވާ މަސައްކަތްތަކުގެ އިތުރުން ވަރަށް އާދައިގެ އެތައް މަސައްކަތްތަކެއް ކުރުވުން ވެސް އޮތީ މަނާކަމެއްގެ ގޮތުގައެވެ.
ކުޑަކުދިން ލައްވާ ކުރުވުން، ކުރިން މަނާ ބައެއް މަސައްކަތްތަކަކީ ދަތުރުފަތުރު ކުރުުމުގެ އަމަލީ މަސައްކަތާއި އެއާކޮންޑިޝަން މަރާމާތުކުރުމާއި ސާރވިސްކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތަކާއި ކުނި މެނޭޖްކުރުމާއި ކުނި ނައްތައިލުމުގެ މަސައްކަތްތަކެވެ. އަދި ބަނދަރެއްގައި ކުރާ އެންމެހާ މަސައްކަތްތަކާއި ފުޑް ޕްރޮސެސިންގެ ހުރިހާ މަަސައްކަތްތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން ދިރޭ އެއްޗެއް ގެންގުޅެ އާލާކުރުމުގެ މަސައްކަތާއި ޓޫރިޒަމްގެ އެކޮމޮޑޭޝަން ބެލެހެއްޓުމާއި ޓޫރިސްޓުންނަށް ކޭޓަރކުރުމުމާއި ސްވެނިއަރ ވިއްކުން ފަދަ ޓޫރިޒަމާ ގުޅޭ މަސައްކަތްތައްވެސް ހިމެނެއެވެ.
އެ ގަވއިދު ކުރިން އޮތް ގޮތުން ރާއްޖޭގެ އާއްމު މަސައްކަތްތަކުގެ ތެރެެއިން ގިނަ މަސައްކަތްތަކަށް ކުދިން ތަމްރީނުކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!