އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމަނިކުފާނާއެކު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ކަމަށެވެ.

Ad
rt

އެގޮތުން އެކަނިވެރި މައިންނަށާއި ނުކުޅެދޭ މީހުން އަދި 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އެލަވެންސާއި ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް ނަޝީދު ކުރައްވާފައިވާ ބުރަ މަސައްކަތްތައް ދިޔާނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ދިޔާނާ ވަނީ ރައީސް ސާލިހަށް ބަހުގެ ހަމަލާތަކެއްވެސް ރައްދުކުރައްވާފައެވެ.

ދިޔާނާ ވިދާޅުވީ ރާއްޖެއަށް ކުރިއެރުން ލިބެން އޮތީ އިގްތިސާދީ ގޮތުން ކުރިއަށް ދެވިގެން ކަމަށާއި ނަމަވެސް އެފުރުސަތުތައް މިހާރު ވެރިކަމުގައި ހުންނެވި ސާލިހު އަށް ގާއިމު ކޮށްދެވިފައި ނުވުމަކީ ދެރަކަވާމެއް ކަމަށެވެ. އަދި ރިޔާސީ ދައުރު ނިމެން ކައިރިވެފައިވީ ނަމަވެސް ރައްޔިތުންނަށް ފައިދާ ކުރަނިވި ކަމެއް ނުކުރައްވާ ކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް އިތުރު ތަކުލީފު ތަކެއް ދިނުމުގެ ގޮތުން ޖީއެސްޓީ ބޮޑުކޮށް ރައްޔިތުންގެ ޖީބަށް އިތުރު ބުރައެއް ދިން ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

މި ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.