ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި, އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓި އެވެ.
ކިންގްސް ކެޕިޓަލުން ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ކުރުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނާނެ އެވެ.
ކިންގްސްގެ އެކައުންޓް ބޭންކުން ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމުގައިވެ އެވެ.
އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާއެއް ނުލިބޭތީ އެކަމާ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދިފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!