ފެބްރުއަރީ 22 ގެ ފަހުން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން ބުނީ ފެބްރުއަރީ 22 ގެ ފަހުން ޕާސްޕޯޓާއި، އައިޑީ ކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއަރޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަމްބަރުޖެހި ރަސްމީ ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާންވާނެ ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ލިޔުމަކާއެކު އެ ތާރީހަށްފަހު އެތެރޭގެ އުދުހުންތަކުގައި ދަތުރު ނުކުރެވޭނެކަމަށް އެ އެއަރލައިނުން ބުންޏެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރެފައިވާ ސާކިއުލާގައިވާގޮތަށް އަމަލުކުރަން ފެށުމުގެ ކުރިން، މޯލްޑިވިއަން އިން ދަތުރުކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޑިފެންސް މިނިސްޓްރީން ކުރިން އެ ބަދަލު ގެނައީ ކޮވިޑުގެ ހާލަތާއި ގުޅިގެންނެވެ. އަދި އޭރު ގެނައި އެ ބަދަލު އަންނަ ފެބްރުއަރީ މަހުގެ 22 އިން ފެށިގެން ބާތިލުވާނެކަމުގައި ޑިފެންސުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރެފައިވާ ސާކިއުލާގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!