އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާއި ފިޔަވަޅަކަށް ގާތަށް ޔުނައިޓެޑް ޖެހިލައިފިއެވެ.

ރޭ ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗު ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި އަމިއްލަ ހާފުގެ ތެރެއިން ރަޝްފޯޑަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް، ފޮރެސްޓްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއިން އޭނާ ވަނީ އެ ބޯޅަ ގޯލުގެ ކައިރި ކަނަށް ވައްދާލާފައެވެ. ވޯލްޑް ކަޕަށް ފަހު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވަނީ 10 ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުނައިޓެޑުން ވަނީ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ދާދި ފަހުން އެ ޓީމާއި ގުޅުނު ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓެވެ. މިއީ އޭނާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ތިންވަނަ ލަނޑު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެންތޮނީ އެލަންގާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މި ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އަންނަ މަހު ކުރީކޮޅު ކުޅޭނީ ޔުނައިޓެޑްގެ ދަނޑުގައެވެ. 2017 ވަނަ އަހަރު ލީގު ކަޕް ތަށި ކާމިޔާބު ކުރި ފަހުން އަދި ޔުނައިޓެޑަށް ތައްޓެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.