ކުނި ނަގަން ވަދެ، ގެއަކަށް ބޮޑުކަމުދިޔަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ގޭގެއަށް ކުނި ނަގަން ދާ އެ ކޯޕަރޭޝަން ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ގާތްގަޑަކަށް 08:30 ހާއިރު، ހިނގި މި ހާދިސާގެ ވީޑިއޯ ވަނީ އާންމުވެފައެެވެ.

އެ ވީޑިއޯ ގައި ފެންނަގޮތުން އެ މުވައްޒަފު އެ ގެއަށް ވަދެ ލިފްޓުން މައްޗަށް އަރައެވެ. އަދި އެ އިމާރާތުގެ ފަންގިފިލާއަކަށް ލިފްޓު ދިއުމުން އޭނާ ނިކުމެ ޒާތަކަށް ދެފައި ފިއްތައިގެން ލިފްޓް ކައިރީ އުޅޭތަން ފެނެއެވެ. ދެން އެ ފަންގިފިލާގައި ހުރި އެޕާޓްމަންޓް ބޭރަށް ނެރެފައި ހުރި ކުނިތައް ގެންގޮސް ލިފްޓް ކައިރީ ބަހައްޓައެވެ. އެއަށް ފަހު އޭނާ ސިޑިން މައްޗަށް ދާ މަންޒަރު ފެނެއެވެ.

އޭގެ އިރުކޮޅެއްގެ ފަހުން އޭނާ އައިސް ލިފްޓް ހުޅުވަން ފިތާލާ އިރު އޭނާ ލައިގެން ހުރި ޖިންސް ރަނގަޅުކޮށް ކަމަރު އަޅުވާ އަދި ޒިބު އަޅުވާ މަންޒަރު ފެނެއެވެ. ދެން ކުރިން ލިފްޓު ކައިރީ ބެހެއްޓި ކުނި ދެ ކޮތަޅު ހިފައިގެން އޭނާ ލިފްޓަށް އަރައެވެ. މި ވީޑިއޯއާ އެކު އާންމުކޮށްފައިވާ އިތުރު ވީޑިއޯއަކުން، ގޭސް ފުޅިއެއް ބަހައްޓާފައި ހުރި ދިމާލުގައި ބޮޑުކަމުގޮސްފައި ހުރި ތަން ފެނެއެވެ.

މީގެ ކުރިން ވެސް ވެމްކޯ މުވައްޒަފަކު ގެއެއްްގެ ސިޑި މައްޗަށް ކުޑަކަމުދާ ތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.