ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ.

މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ.

Ad
rt

އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައްވެސް ވަނީ އިއުލާނުގައި ބަޔާންކޮށްފައެވެ.

އެ މަސައްކަތްތަކަށް ބަލާލާއިރު، މަސްޖިދުއް ސިއްދީގުގައި ފާޚާނާ ޓިނު ބަދަލުކުރުމާއި ބޭރުދޮރުން މިސްކިތަށް ވޯކްވޭއެއް ހެދުން ހިމެނެއެވެ. އަދި ސައުންޑް ސިސްޓަމް އާކުރުމާއި މުންނާރު އެޅުންވެސް ހިމެނެއެވެ. މަސްޖިދުއް ތަގުވާގައި ފާޚާނާ މަރާމާތު ކުރުމާއި ވުޟޫކުރުމަށް އަޅާފައިވާ ވޯކްވޭ ހިޔާ ކުރުމާއި ސައުންޑް ސިސްޓަމް އާކުރުން ހިމެނެއެވެ.

މީގެ އިތުރުން މަސްޖިދުއް ނޫރުގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ފާޚާނާ، ވުޟޫކުރާބައި، ގުދަނެއް ހެދުމާއި ޕޯޓަބެލް އެއަރކޫލަރ (އެވަރޕަރޭޓެޑް) ހޯދުމާއި މިސްކިތުގެ ޓިނު ބަދަލުކުރުން ހިމެނެއެވެ.

މަކުނުދޫ ކައުންސިލުން ބުނީ އެކަންކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމާއިގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 7789355 ނުވަތަ 9769038 ނަމްބަރު ފޯނަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.