ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީއާއި ފްރާންސްގެ ހަ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕޭސް ޑެ ކަސެލް ބައްދަލުކޮށް، 7-0 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމްގެ ތަރި އެމްބާޕޭ ފަސް ލަނޑުޖަހައި، ޕީއެސްޖީއަށް އެއް މެޗުގައި ފަސްލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފިއެވެ.

ޕީއެސްޖީ އުފެދުނުތާ ބައި ގަރުނަށްވުރެ ގިނަވެފައިވާއިރު އެ ޓީމަށް މީގެ ކުރިން އެއް މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ފަސް ލަނޑު ޖެހިފައި ނުވެއެވެ.

Ad
rt

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮންނަނީ އެ ޓީމަށް ކުރިން ކުޅުނު އުރުގުއޭގެ ފޯވާޑް ކަވާނީގެ އަތުގައެވެ. ކަވާނީ ވަނީ ޕީއެސްޖީއަށް 200 ލަނޑު ޖަހައިދީފައެވެ. ރޭ އެމްބާޕޭ ކާމިޔާބުކުރި ފަސް ލަނޑާއިއެކު އޭނާ ވަނީ ކަވާނީގެ ރެކޯޑާއި ކައިރިއަށް ޖެހިލާފައެވެ. މިހާރު އެމްބާޕޭ ޕީއެސްޖީއަށް ޖަހައިދީފައިވާ ލަނޑުގެ އަދަދަކީ 196 އެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗަށް ޕީއެސްޖީން އެކުލަވާލާފައިވާ ޓީމުގައި އެ ޓީމްގެ ތަރި ލައިނަލް މެސީ ހިމަނާފައި ނުވެއެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނޭމާއެވެ. ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި ޑަނީލޯ ޕެރޭރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ކާމިޔާބު ކޮށްދީފައިވާއިރު، ހަތަރުވަނަ ލަނޑު 40 ވަނަ މިނެޓުގައި ވިޓީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. ޕީއެސްޖީން ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ލަނޑުން ކުރީގައި އޮވެއެވެ.

މެޗުގައި ޕީއެސްޖީން ފަސްވަނަ ލަނޑު ޖަހާފައ ވަނީ 56 ވަނަ މިނެޓުގައެވެ. މި ލަނޑު ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެމްބާޕޭއެވެ. ހަވަނަ ލަނޑު 64 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާލޮސް ސޮލާ ކާމިޔާބު ކޮށްދިންއިރު، ހަތްވަނަ ލަނޑު ސޮލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އެމްބާޕޭއެވެ.

އަންނަ މަހު ކުޅޭ ފްރެންޗް ކަޕްގެ ގަދަ 16 ބުރުގައި ޕީއެސްޖީ ކުޅޭނީ މާސޭއާ ދެކޮޅަށެވެ.