ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ ކަމަށް ޝަމީމް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި ގާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އަންނާނެގޮތަށް ކަމަށެވެ.
ހެކިބަސް ދިނުމަކީ ދީނީގޮތުންވެސް ކުރަންޖެހޭ ލާޒިމުކަމެއް ކަމަށާއި އިސްލާމް ދީނުގައި ހެކިބަސް ދިނުމަކީ ކުރަންޖެހޭކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ އަމިއްލަ އިޚްތިޔާރު އޮތްކަމެއް ނޫން ކަމަށެވެ.
"މިފަދަ ގާނޫނެއްގެ ސަބަބުން އާއްމުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މި ނިޒާމަށް އޮންނަ ޔަގީންކަމާއި އިތުބާރު އިތުރުވުން. އަދި މި ގާނޫނުގެ މައިގަނޑު މަގުސަދަކީވެސް ވަކިގޮތަކަށް ކަންތައްތައް ހިނގާނެކަމުގެ ޔަގީންކަން މީހުންނަށް އޮތުން. މިފަދަ ގާނޫނެއްގެ ސަބަބުން ހެކިބަސް ދިނުން ލާޒިމްކުރެވޭ ބައިތަކާއެކު ޕީޖީ އޮފީހުގެ މަސައްކަތްތަކަށްވެސް ބޮޑު ބަދަލެއް އަންނާނެ." ޝަމީމް ވިދާޅުވިއެވެ.
އެގޮތުން ޝަމީމް ފާހަގަކުރެއްވީ މީހަކު ހެކިބަސްދޭން އަންނަން މަޖުބޫރުކުރެވޭނެ ހާލަތްތަކާއި، ތަފާތު އެކި ސަބަބުތަކާހެދި ހެކިބަސް ދޭން ޖެހިލުންވާ މީހުން، އެ ޖެހިލުންވާ ސަބަބު ކޯޓަށް ސާބިތުކޮށްދެވޭނަމަ، އެ ބަޔާންތަކަށް ބާރު ދިނުމުގެ ނުވަތަ ބުރަދަން ދިނުމުގެ ބާރު ކޯޓުތަކަށް ޤާނޫނުގައި އެބައޮތްކަމަށެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް އެވިޑެންސް ހޯދާނެގޮތާއި، ހުށަހަޅާނެގޮތްވެސް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އަލަށް ޢަމަލުކުރަން ފެށި ހެއްކާބެހޭ ގާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް، މިހާތަނަށް އަމަލުކުރަމުންދިޔައީ މީގެ 46 އަހަރުކުރިން ޢަމަލުކުރަން ފެށި އެންމެ 7 މާއްދާގެ މައްޗަށް އެކުލެވޭ 2 ސަފްހާގެ ޤާނޫނަކަށް ކަމަށާއި އެ ގާނޫނަށް މިވީ މުއްދަތުގެ ތެރޭގައި އެއްވެސް އިސްލާހެއް ގެނެވިފައިނުވާތީ، ޒަމާނަށް ފެތޭ ހެއްކާބެހޭ އުސޫލުތައް އެކަށައަޅަމުންދިޔައީ ކޯޓުތަކުގެ ނިންމުންތަކުން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!