ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
"މާތްﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން މިކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރަމެވެ." އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މުސްލިމުންނާއި ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށްވެސް އެ ކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކޯލިޝަނުން ބުނީ މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި، އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ވަނީ ގޮައިލާފައެވެ. އެ މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާއި އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!