މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ފުވައްމުލަކަކީ ހާއްސަ ސިޓީއެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވަނީ މީގެ ކުރީގެ ސަރުކާރުކާރުތަކުން އެސިޓީގައި މަސައްކަތްތަކެއް ކުރަން ފެށިނަމަވެސް މިސަރުކާރު އައުމަށްފަހު ކުރިންކުރި އެތައްކަމެއް ދެވަނަ ފަހަރަށް ކުރަންޖެހުނުކަން ފާހަގަކުރައްވާފައެވެ.

Ad
rt

ސަބަބެއްގެ ގޮތުގައި ސާލިހު ފާހަގަ ކުރެއްވީ އެއްވެސް ރޭވުންތެރިކަމެއް އަދި ޕްލޭނެއް ވެސް ނެތި ބައެއް މަޝްރޫއުތައް ހިންގާފައި ހުރުމުންކަމަށެވެ.

ސާލިހު ވިދާޅުވީ އެސިޓީގެ މަގުތައް ތަރައްޤީކުރަމުން އަންނަނީ އެސިޓީގެ ރައްޔިތުންނާއި ކައުންސިލްގެ ލަފައާއެކުގައި ކަމަށާއި އެސިޓީގެ ގިރާ ސަރަހައްދުވެސް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އެރަށުގެ ސްކޫލްތަކަށް ބޮޑު ބަދަލެއް ގެނެވެމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ ސިއްހީ ދާއިރާއިން ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ދެން އޮތީ ހޮސްޕިޓަލުގައި އިތުރު އައު ހިދުމަތްތައް ފެށުން ކަމަށާއި، އޭގެތެރޭގައި ސީޓީ ސްކޭންގެ ހިދުމަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން އައު ހޮސްޕިޓަލެއްވެސް ތަރައްގީ ކުރެވޭނެކަމަށް ސާލިހު ވިދާޅުވިއެވެ.

ފުވައްމުަލއް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބަނދަރު ބޮޑުކުރެވޭނެ ގޮތްތަކެއް ބަލަމުން އަންނަކަމަށާއި އެރަށު މަސްވެރިން ބާނާ މަސް އެރަށް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެ ސިޓީގެ ރައްޔިތުން އެދޭ ބަދަލު ގެންނަވާނެ ކަމަށާއި، އެކަން ކުރެވޭނީ ވެރިކަމުގައި ތިބެގެން ކަމަށް ވެސް ވިދާޅުވިއެވެ.