އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މިރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފެނިގެން ގޮސްފައި ވަނީ ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ކަނޑަ އަޅާފައެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރ ބެނޮއިޓް ބާޑިއަޝައިލް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ޗެލްސީއާއި ދާދި ފަހުން ގުޅުނު ޔުކްރެއިންގެ ހުނަރުވެރި ކުޅުންތެރިޔާ މުޑްރިކް ވަނީ ދެވަނަ ހާފުގައި ކުޅެން އަރުވާފައެވެ. އޭނާއަށް ލަނޑު ޖަހާނެ ދެ ފުރުޞަތެއް ލިބިގެންދިޔައިރު، ފުރަތަމަ ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކޮޅު ދާގަނޑަށެވެ. ދެވަނަ ފުރުޞަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކުރެވޭގޮތް ނުވުމުން އެ ފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ.
ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މި މެޗަކީ ލިވަޕޫލްގެ ކޯޗްގެ މަގާމުގައި ހުރި ޔާގެން ކްލޮޕްގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ.
ދަށް ފޯމެއްގައި އޮތް ލިވަޕޫލާއި ޗެލްސީއަށް މި ނަތީޖާއަކީ ހިތްހަމަ ޖައްސާލެވޭނެ ނަތީޖާއަކަށް ނުވާއިރު، މިވަގުތު މި ދެ ޓީމް ވެސް އޮތީ ޔޫރަޕުގެ މުބާރާތަކުން ޖާގަ ލިބޭވަރަށް ވުރެ ފަހަތުގައެވެ.
ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު އަށްވަނާގައި ލިވަޕޫލް އޮތްއިރު، ޗެލްސީ އޮތީ 10 ވަނާގައެވެ. ޗެލްސީއަށް ލިބިފައި ވަނީ 20 މެޗުން 29 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!