ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމުގެ ތައްޔާރީތަކަށް އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މި ޖެނުއަރީ މަހުގެ 23 ވާ ހޯމަ ދުވަހު ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކޭއާރުއެޗުގެ 24 ރޫމުގެ އައު އޯޕީޑީ ބްލޮކްގެ ހިދުމަތް ފެށުމަށް އަންނަ ހޯމަ ދުވަހު ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ ހާއްސަ ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ އޯޕީޑީ އާއި ލެބޯޓްރީ ހިދުމަތް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެހެންނަމަވެސް އެމާޖެންސީގައި ފޯރުކޮށްދޭންޖެހޭ ފަރުވާއާއި ދަތުގެ ފަރުވާއާއި އާންމުބަލިތަކާއި ބެހޭ ޑޮކްޓަރުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކޭއާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 24 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ.
ކޭއާރުއެޗުގައި އިމާރާތްކުރި އޯޕީޑީ އިމާރާތުގެ ސަބަބުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ހޮސްޕިޓަލުން މިހާރު ދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމުގެ އިތުރުން ބަލި މީހުން ބެލުމަށާއި ހިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމާފައިވާ މި މަސައްކަތަށް 20.2 މިލިއަން ރުފިޔާގެ ހޭދަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!