އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޑރ. އެސް. ޖައިޝަންކަރެވެ.

Ad
rt

އިންޑިއާ ސަރުކާރުގެ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި މަރުކަޒަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ.

މި އިމާރާތުގައި ކްލަބް އޮފީސް، މީޓިން ރޫމް، ލައިބްރަރީ، ކޮންފަރެންސް ހޯލް އަދި ސެކްރެޓޭރިއަޓްގެ އޮފީސް ވަނީ ހަދާފައެވެ.

މި މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ޝާހިދު ވިދާޅުވީ މި މަރުކަޒާއެކު ފޯކައިދޫގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެރަށުގެ އިޖްތިމާއީ ގުޅުން ވެސް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަތޮޅުފެންވަރުގައާއި ގައުމީ ފެންވަރުގައި މަސައްކަތު ބައްދަލުވުންތަކާއި ސެމިނާ ބޭއްވުމުގެ ފުރުސަތު ވެސް މި މަރުކަޒުގެ ސަބަބުން ކައުންސިލަށް ލިބިގެންދާނެކަން ފާހަގަ ކުރައްވާފައި ވެއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ވިދާޅުވީ އިންޑިއާ-މޯލްޑިވްސް ޑިވެލޮޕްމަންޓް ފާޓްނަރޝިޕްގެ ދަށުން މި ކޮމިއުނިޓީ ސެންޓަރަކީ ދެޤައުމުގެ ގުޅުމުގެ ލާމަސީލު ހެއްކެއް ކަމަށެވެ.

ރާއްޖޭގެ 16 އަތޮޅެއްގެ 36 ރަށެއްގައި ހިންގާ މިފަދަ 45 ޕްރޮޖެކްޓަކަށް އިންޑިއާއިން އެހީވާ ކަމަށާއި މީގެ 23 ޕްރޮޖެކްޓް މިހާރުވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.