މި ސަރުކާރުގެ އާރުޓީއެލްގެ ޚިދުމަތް ވަނީ ފެށިފައި ކަމަށާއި، ''މިދާ މަގުން ގޮސްގެން މަގުމައްޗެއް ނުވާނެ'' ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ހަނިމާދޫ ވައިގެބަނދަރު ތަރައްގީ ކުރެވުމުން އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، މާލެ ސަރަޙައްދަށް ބާރު ސްޕީޑްގައި އައި ކުރިއެރުމުގެ އެންމެ ފުނުގައި ވިންދުޖަހާ އޮތް ސަބަބާއި ސިއްރަކީ ހުޅުލޭގައި ތަރައްގީކުރި ބައިނަލްއަގްވާމީ ވައިގެބަނދަރު ކަމަށެވެ.
''މާލޭގެ ވިޔަފާރިތައް ފުޅާވެ، މަސްމާރުކޭޓުން ފެށި މަހުގެ ވިޔަފާރި، ދުނިޔޭގެ ކަންކޮޅުތަކަށް ވާސިލްވާން ފެށި. އަދި ދުނިޔޭގެ ބައްރުތަކަށް، ރާއްޖޭގެ ރަށްތަކާއި މީހުން ގުޅުވާލަދިނީ ހުޅުލޭ އެއަރޕޯޓް. ބޮޑުއުތުރާއި މި ބޮޑުތިލަދުންމަތި އަދި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުގެ ތަޞައްވުރުގެ ތެރެއިން ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަދޭ. އަދި އޭގެ ގިނަ ކަންކަން ފެށި އެދަނީ ނިމެމުން.'' ރައީސް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ކަނޑުދަތުރުފަތުރު ހައިސްޕީޑަށް ބަދަލުވީ ހުޅުލޭ އެއަރޕޯޓް ނިމުމަށްފަހުގައި ކަމަށާއި، އެ ޚިދުމަތް އޭރު ފެށުނީ ހަމައެކަނި ފަތުރުވެރިންނަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އަޅުގަނޑުމެން ދެންނެވިން، ރައްޔިތުންނަށްޓަކައި އަގުހެޔޮ އަރާމު، ހައިސްޕީޑް ފެރީ ނިޒާމެއް ގެންނާނަމޭ. މި ބޮޑު އުތުރުގެ 41 ރަށް އެވަނީ އެ ނިޒާމުން އަމުނާ ގަތާ ބަނދެވިފައި. މި ސަރުކާރުގެ އާރު.ޓީ.އެލް. ޚިދުމަތް ދިނުމުގެ މަސައްކަތް ނިމިއްޖެ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކަންއަރުވަން. މިދާ މަގުން ގޮސްގެން މަގުމައްޗެއް ނުވާނެ.'' ރައީސް ވިދާޅުވިއެވެ.
ސާފު ބޯފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ ހަމަ އެންމެ ރަށެއްވެސް ތިލަދުންމަތީގެ ސަރަޙައްދުގައި ނެތް ކަމަށާއި، ހޯރަފުށީ ވައިގެބަނދަރު ނިންމައި ބޭނުންކުރަން ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފަރެސްމާތޮޑާ ވައިގެބަނދަރު ވެސް އަޅާ ނިމި، މާފަރު ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ހދ. މަކުނުދޫ، ށ. ބިލެތްފަހި،ބ. ތުޅާދޫ، އަދި ތ. ވިލުފުށީ ވައިގެބަނދަރު އަޅާނެ ފައިސާ ހޯދި، މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލެވިފައިވާ ކަމަށާއި، ދެން އޮތީ މަސައްކަތް ފެށުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރ. އަތޮޅު އަލިފުށީގައި ތަރައްގީކުރާ ވައިގެބަނދަރު ނިމުމުން އެތެރޭގެ އުދުހުންތަކުން މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އާރުޓީއެލް، ޚިދުމަތާއި، ހަނިމާދޫ އެއަރޕޯޓާއި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއެކު ފުރިހަމަވާނީ ބިރުންހުރި އިޤްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް މަގުމަތި ނުވެ، މާދަމާ މުޅި ރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ.'' ރައީސް ޞާލިޙް ވިދާޅުވިއެވެ..
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!