"މިހާރު" ނޫހުގެ ނޫސްވެރިންނާއި ގުޅުވައި ދައްކާ ސާބިތު ނުހިފޭ ވާހަކަ ތަކުގެ ސަބަބުން އެ ނޫސްވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެދުވަހަކުން ކުރިމަތިލާންޖެހިފައިވާކަމަށް އެ ނޫހުން ބުނެފިއެވެ.
އެ ނޫހުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ނޫހަށާއި އެނޫހުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރުން ބޮޑުވުމުގެ ސަބަބުން ބައެއް މައްސަލަތަކުގެ ޖިނާއީ ތަހްގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އެނޫހުގެ ވަކިވަކި ނޫސްވެރިންގެ އަބުރަށް އަރައިގަންނަމުންދާ ކަމަށާއި އާންމުންގެ ތެރޭގައި ބަދުނާމުވާ ގޮތަށް އެކި ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މި ނޫހަށާއި މިތަނުގެ ނޫސްވެރިންނަށް ތަފާތު ފުރައްސާރައާއި ޖެއްސުންކުރުންތައް ދަނީ ކުރިމަތިވަމުން. އެފަދަ ފަރާތްތަކުން ފަތުރާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކުގެ ސަބަބުން ނޫހުގެ ނޫސްވެރިން ދަނީ ނަފުސާނީވަމުން. އަދި ޖިސްމާނީ ބިރުވެރިކަމާއި ކޮންމެ ދުވަހަކު ދަނީ ކުރިމަތިލަމުން." މިހާރު ނޫހުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިކަން މިގޮތަށް ކުރިއަށް ދިއުމަށް ދޫކޮށްލުމަކީ މިހާރު ނޫހަށާއި ނޫހުގެ ނޫސްވެރިން އަދި މުޅި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ބިރެއް ކަމަށެވެ.
އެ ނޫހުން ބުނީ މަދަނީ ދައުވާ ކުރެވޭނީ ކޮންކޮން މައްސަލަތަކެއްގައިތޯ ބަލައި، އެ މައްސަލަތައް ކުރިއަށްގެންދިއުމަށް ގާނޫނީ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!