ޕެންޝަން ބިލު ހުށަހެޅީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ބިލު ޤާނޫނަކަށްވުމުން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕެންޝަން ބިލު މަޖިލީހަށް ހުށަހެޅުނީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އަދި މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ޤާނޫނުގެ ދަށުން ކަމަށެވެ.

Ad
rt

''އެ ބިލު ފާސްވެ ޤާނޫނަކަށްވެ ޢަމަލުކުރަން ފެށީ 2009 ވަނަ އަހަރުގެ ކުރީކޮޅު، އެ ބިލު ދިރާސާކޮށް މުސްކުޅިންނަށް 2000 ރުފިޔާ ދޭން ނިންމި ކޮމެޓީގެ މުޤައްރިރަކީ އަޅުގަނޑު'' ޝަރީފް ވިދާޅުވެފަވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޕެންޝަނާބެހޭ ޤާނޫނު ވުޖޫދުވެފައި ވަނީ 13 މެއި 2009 ގައެވެ. އަދި އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން އެ ޤާނޫނަށް އިސްލާޙް ގެނެސްފައިވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަން ދިނުމާބެހޭ ޤަވާއިދެއް އެކުލަވާލައި ޢަމަލު ކުރަން ފަށާފައި ވަނީ 12 މާޗު 2014 ގައެވެ.