ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅަށްފަހު، ފުރާވަޑަގެންނެވީ މިއަދު ހެނދުނު އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.
މި ޖެނުއަރީ މަހުގެ 15 ވީ އާދީއްތަ ދުވަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެންނެވިއިރު، ރަސްމީ މަރުޙަބާދެންނެވުން އޮތީ ހޯމަދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ. އެމަނިކުފާނަށް މާލޭ އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ ރައީސް ސާލިހެވެ.
އެއަށްފަހު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވަނީ ރައީސް އޮފީހުގަ އެވެ. މި ބައްދަލުކުރެއެްވުމުގައި އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދެގައުމުގެ ދެމެދު 6 އެެއްބަސްވުމެއް ވަނީ އެކުލަވާލާފަ އެވެ. އަދި ދެގައުމުން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
މީގެ އިތުރުން ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް ސާލިހު ދެއްވި، މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގަ އެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހީމަ ދުވަހު ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!