ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގައުމީ ކޮންފަރެންސް ލަސްވެގެން މާޗު މަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް އެޕާޓީން ހާމަކުރައްވައިފި އެވެ.

އެ ޕާޓީން މިކަން ހާމަކުރެއްވީ އެޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީހަކާމެދު ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނާތީ އެވެ.

Ad
rt

މިކަން އޮޅުން ފިލުވައި ދިނުމަށް ވީޑިއޯއެއް އާންމު ކުރެއްވުމުގެ އިތުރުން، ކުރެއްވި ޓްވީޓެއްގައި ޖޭޕީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖޭޕީގެ އަސާސީ ގަވައިދުގެ 18 ވަނަ މާއްދާގެ ށ. ގެ ދަށުން ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ޕާޓީގެ ހުރިހާ މެންބަރުންނަށް ތަމްސީލު ކުރެވޭ ގޮތަށް ބާއްވާ ގައުމީ ކޮންފަރެންސެއް، މީލާދީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އޮންނަ، ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް މި މާއްދާގެ ނ. ގެ ދަށުން ކައުންސިލުން ނިންމައިފި ނަމަ މި ތާރީހަށް ވުރެ ކުރިން ނުވަތަ ފަހުން "އެކްސްޓްރަ އޯޑިނަރީ ކޮންފަރެންސް" އެއް ބޭއްވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ކޮންފަރެންސް ބޭއްވުމާއި ގުޅޭގޮތުން ޕާޓީގެ ކައުންސިލުން ވަކި ގޮތެއް އަދިނުނިންމާ ކަމަށާއި އެހެންމަވެސް ގައުމީ ކޮންފަރެންސާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވަރަށް އަވަހަށް ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ވާންޖެހޭ ހުރިހާ އިދާރީ ތައްޔާރީތަކެއް ވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ޕާޓީގެ ގައުމީ ކޮންފަރެންސް އަންނަ ފެބްރުއަރީމަހު ފަހު ހަފުތާގައި ބޭއްވުމަށް އެ ބައްދަލުވުމަށް ހުށަހެޅުމާމެދު ޕާޓީގެ ލީޑާޝިޕްގައި ވަޝްވަރާހިންގާފައިވާކަމަށް ވެސް އެނގިފަވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިތުރު ބުރަކަށް ދާން ޖެހިއްޖެނަމަ، ހަމައެމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު 23 ޖުލައި އިން 03 އޮގަސްޓަށް ހުޅުވާލާއިރު، އޮފިޝަލުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ 25 ޖުލައި އިން 13 އޮގަސްޓުގެ ނިޔަލަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވާ ޝިއާރަކީ ''މަގޭ ވިސްނުން – މަގޭ ވޯޓް'' އެވެ. އިންތިހާބުގައި ބޭނުންކުރާނެ ހޭޝްޓެގަކީ ''ވިސްނުން23'' އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހައިތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މީގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެވެ.