ހދ. ނައިވާދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން 15،319.91 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 41،618.07 ކިއުބިކް މީޓަރަށް އައު ބަނދަރު ފުންކުރުމާއި، 15،319.91 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ މަސައްކަތްކުރާނެއެވެ. އަދި 290 މީޓަރުގެ ބްރޭކްވޯޓަ ޖެހުމާއި، 10 މީޓަރު ސަބްމާޖް ބްރޭކްވޯޓަ ޖެހުމާއި، 25 މީޓަރު ގްރޯއިން ޖެހުމާއި، 73.3 މީޓަރ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން، 231 މީޓަރު އެއްގަމުތޮށި ޖެހުމާއި، 231 މީޓަރު ސްކޯރިން އެޕްރޮންޖެހުމާއި، 62 މޫރިން ރިންގް ހަރުކުރުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، 90 އަކަމީޓަރުގެ ރޭމްޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 18 މަގުބައްތި ހަރުކުރުމާއި 2،087.85 އަކަ މީޓަރުގެ ޕޭންވެމްޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.3 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!