ފުލުހަކު މަރާލި މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު އޭނާގެ ދިފާއީ ވަކީލާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓުގައި ޝަކުވާ ކުރުމުން ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ.
ޖުލައި، 2012 ގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ސަމާހުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފެށުމާ އެކު، ދިފާއީ ވަކީލުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާކުރީ ސަމާހު އަމިއްލައަށެވެ. ސަމާހު ބުނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލް ޖައުފަރު ރަޝީދު ހަމަޖައްސާފައި ވިޔަސް، އޭނާއާ ބައްދަލު ކުރަން ވަކީލް ޖަލަށް އައީ ދެ ފަހަރު ކަމަށެވެ.
ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށްވާތީ އާ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ސަމާހު ބުންޏެވެ.
ވަކީލް ޖައުފަރު ވިދާޅުވީ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އައީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިވެގެން ކަމަށާއި އަދި ބައެއް ސަބަބުތަކާ ހެދި އެކަން މެދުކެނޑުނު ކަމަށެވެ. އަދި ފޯން ކޯލްގެ ފުރުސަތަކަށް ދެ ފަހަރު އެދުމުން ކަރެކްޝަންސްއިން އެ ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވި ގޮތުގައި އެންމެ ފަހުން އޭނާ ސަމާހުއާ ބައްދަލުކުރަން މާފުށްޓަށް ދިޔައީ އަމިއްލަ ހަރަދުގަ އެވެ. އެ ހަރަދު އެޓާނީ ޖެނެރަލްގެ އޮފީހުން މިހާތަނަށް އަނބުރާ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަމާހުއާ ބައްދަލު ނުކުރެވޭތީ އަޑުއެހުން ފަސްކުރަން ސުޕްރީމް ކޯޓުގައި އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އޭނާ އަމަލުކުރީ އެޓާނީ ޖެނެރަލްގެ އޮފީހުން ހަމަޖައްސާފައި އޮންނަ އުސޫލުން ކަމަށެވެ. އަދި ސަމާހުގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމުން އެހެން ވަކީލަކު ހަމަޖައްސައިދޭން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމަށާއި އެކަމަކު އެ އޮފީހުން އެކަމަށް ދެކޮޅު ހެދި ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ސަމާހުގެ ކަންބޮޑުވުންތައް ހުރުމާ އެކު، އޭނާގެ ވަކީލުކަމުން ޖައުފަރު ވަނީ ވަކިކޮށްފަ އެވެ. އަދި ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އާ ވަކީލަކު ހަމަޖެއްސުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!