ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫ 42,375,467.36 ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭ ނިންމުމަށެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރޭގައި މަގު ހެދުމާއި ބަނދަރާއި އެއާޕޯޓް ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!